ފުނަފަތި


ތަޢާރަފް

މިއީ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކޮމިޓީގެ ފަރާތުން ހިންގަމުންދިޔަ އަތޮޅު ރައްޔިތުންގެ ވިޔަފާރި، ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ށ.އަތޮޅު ކައުންސިލުން ކަނޑައަޅައި ފާސްކޮށްފައިވާ ސިޔާސަތުގެ މައްޗަށް ބިނާކޮށް އެސިޔާސަތުގައި ބުނެފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރުމަށް އެކުލަވާލެވިފައިވާ އުޞޫލެވެ.

މި އުޞޫލުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުރައްޔިތުންގެ ނަމުގައި ކުރެވެމުންދާ ވިޔަފާރީން ލިބޭ އާމްދަނީ އިތުރުކުރުމަށް ބާރުއެޅުމާއި،ވިޔަފާރީގެ ޚިދުމަތް ފުޅައުކުރުމަށް މަގުފަހިކުރުމާއި، މި ޚިދުމަތުގެ ހިންގުން ހަރުދަނާކުރުމާއި، ހިންގުމުގައި ޒިންމާވާންޖެހޭ ފަރާތްތައް ކަނޑައަޅައި ޒިންމާދާރު ކުރުވުމަށް ބާރުއެޅުމެވެ.

ޒިންމާއުފުލާ ފަރާތް

ވިޔަފާރީގެ ޚިދުމަތް ހިންގާ ބެލެހެއްޓުމުގެ ޒިންމާތައް އުފުލާނީ ފުނަފަތި ކޯޑިނޭޓިންގ ކޮމެޓީގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޑިނޭޓަރެވެ. އަދި މިކަމާ ގުޅިގެން ކުރެވޭ ކަންކަން ވިލަރެސްކޮށް ހިންގާނީވެސް ކޯޑިނޭޓަރެވެ.

މި ޚިދުމަތް ހިންގާ ބެލެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ބަލަހައްޓާނީ ކައުންސިލް އިދާރާގެ ކަމާބެހޭ ޔުނިޓުންނެވެ.

މުދަލާއި ރައުސުލްމާލު

މި ވިޔަފާރީގެ ޚިދުމަތް ފެށިގެންދާއިރު އެސެޓްގެ ގޮތުގައި ބޭނުންކުރެވޭނީ އަތޮޅުކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ހިންގުމަށް ހަދާފައިވާ ބޭސްފިހާރަ ޢިމާރާތާއި އެތަނުގައި ހުރި ނުއުފުލޭ ހަރުމުދަލެވެ. އެއަށްފަހު މި ޚިދުމަތުގެ ތެރެއިން ހޯދޭ ތަކެތި ހިމެނިގެންދާނީވެސް ހަރުމުދަލުގެ ގޮތުގައެވެ.

ވިޔަފާރީގެ ރައުސުލްމާލަކީ އަތޮޅު ރައްޔިތުންގެ ފާރމަސީ ހިންގައިގެން ލިބިފައިވާ ފައިސާއިން މި ވިޔަފާރި ހިންގުމަށް އަތޮޅުކައުންސިލުން ކަނޑައަޅާފައިވާ 1،990،90 (އެއްމިލިޔަން ނުވަދިހަނުވަހާސް އެއް ސަތޭކަ ފަސްދޮޅަސްދެރުފިޔާ ނުވަދިހަ ލާރި) އެވެ.

ވިޔަފާރީގެ ދާއިރާ

އަތޮޅުގެ ރައްޔިތުންނަށް ބޭހުގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ، މެޑިކަލް އިންޝުއަރެންސްގެ ޕްރޮގްރާމުތަކުން ލިބިގެންދާނޭ ފަސޭހަތަކުގެ އިންތިޒާމު ހަމަޖައްސައި ދިނުމާއި، ބޭހުގެ ރީޓޭލް އަދި ހޯލްސޭލް ވިޔަފާރިކުރުން.

ޢާންމު ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފަސޭހައިން ލިބެން ނުހުންނަ ތަކެތި ރައްޔިތުންނަށް ވިޔަފާރީގެ އުޞޫލުން ފޯރުކޮށްދިނުމަށްޓަކައި ރީޓޭލް އަދި ހޯލްސޭލް ވިޔަފާރި ކުރުމާއި، ޑިސްޓްރިބިއުޓް އެޖެންޓްކަން ކުރުމާއި، ޖަމާޢަތުގެ ކުރިއެރުމަށް ބޭނުންވާ އައު ބާވަތްތައް ތަޢާރަފްކުރުމާއި، މިފަދަތަކެތި އަތޮޅުން ލިބޭނެގޮތް ހޯދުމަށްޓަކައި އެކިފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

އިންޕޯރޓް އަދި އެކްސްޕޯރޓްގެ ވިޔަފާރިއަށް ހުރި ފުރުޞަތުތައް އިޝްތިހާރު ކޮށްދިނުމާއި، ވިޔަފާރީގެ ފެއަރތައް އަތޮޅުގައި ބޭއްވުމާއި، ޕްރޮމޯޝަންތައް ހިންގައިދިނުމާއި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރި ކުންފުނިތަކަށް އަތޮޅުގައިހުރި ފުރުޞަތުތައް ޕްރޮމޯޓްކުރުން.

ޚިދުމަތް ދިނުން

ވިޔަފާރީގެ ތެރެއިންދެވޭ ހުރިހާ ޚިދުމަތެއް ދެވޭނީ އިމްޕޯރޓް އެކްސްޕޯރޓް ވިޔަފާރި އާއި އަދި އެނޫންވެސް ވިޔަފާރިއާއި ވިޔަފާރީގެ މުޢާމަލާތްކުރުމާ ގުޅޭގޮތުން ހެދިފައިވާ އަދި ހެދެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތީން، ކައުންސިލުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށެވެ.

މި ޚިދުމަތާއި ގުޅިގެން ކުރެވޭ އެއްވެސް މުޢާމަލާތެއްގައި ނުވަތަ ޚިދުމަތް ދިނުމުގައި ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ. އަދި މުޢާމަލާތްތައް ކުރުމުގައި ނުވަތަ ޚިދުމަތްދިނުމާއި ލިބިގަތުމުގައި އުޞޫލެއްގެ ގޮތުން ލިޔެކިޔުމުން ފުރިހަމަކުރާންޖެހޭ ހުރިހާ އިޖުރާޢަތެއް ފުރިހަމަކުރުމަކީ ޒިންމާ އުފުލާ ފަރާތުން ކުރާން ޖެހޭނޭކަމެކެވެ.

ވިޔަފާރިއަށް ސްޓޮކްކުރެވިފައިވާ މުދަލެއް މުއްދަތު ހަމަވެ، ނުވަތަ ހަލާކުވެއްޖެނަމަ ލަސްނުކޮށް އެކަން ކޯޑިނޭޓަރަށް ހުށައަޅަންވާނެއެވެ.

މުދާ ގަނެ ވިއްކުމުގެ އަގު ކަނޑައެޅުން

މުދާ ގަނެ ވިއްކުމުގެ އަގު ކަނޑައަޅާނީ،މުދާ ގަންނަން ލިބޭ އަގަށް ނުވަތަ އުފެއްދުމަށް ހިނގާ ޚަރަދަށާއި،ހިންގުމުގެ ޚަރަދަށާއި، ބާޒާރުގެ ޢާންމު ރޭޓްތަކަށް ބަލައި، އެކަށީގެންވާ ފައިދާއެއް އޮންނަ އިންސައްތައެއް އިތުރުކޮށްގެންނެވެ.

މި އިންސައްތަ ކަނޑައަޅާނީ ވިޔަފާރީގެ ޑިމާންޑަށް ބަލައި ކޯޑިނޭޓިންގ ކޮމެޓީންނެވެ.

ފައިދާއަށް ލާ އިންސައްތަ ކަނޑައެޅުމުގައި،ޢާންމު އުޞޫލުން ކުރެވޭ ވިޔަފާރިއާއި، ކުރެޑިޓްކުރެވޭ ވިޔަފާރި އާއި، ރީޓޭލް އަދި ހޯލްސޭލްގެ މައްޗަށް ބިނާކޮށް ފައިދާއަށް ލާ އިންސައްތައިގެ ތަފާތު ގެންގުޅެވިދާނެއެވެ.

މާލީ އަދި އިދާރީ ކަންކަން

މި ވިޔަފާރިއަށް ލިބޭފައިސާ ޖަމާކުރާނީ އަތޮޅު ކައުންސިލް އިދާރާގެ ވިޔަވަތި ޓްރަސްޓް އެކައުންޓަށެވެ. އަދި މިކަމަށް ލިބޭފައިސާ ބަލައިގަނެ އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތްކޮށް ކަމާއިގުޅޭ ހިސާބު ބަލަހައްޓާނީ އިދާރާގެ ކަމާބެހޭ ޔުނިޓުންނެވެ. އަދި ކަމާގުޅޭ އެންމެހައި އިންޓަރނަލް މުޢާމަލާތްތައް ހިންގާންވާނީ އިދާރާގެ ހިންގުމުގެ އުޞޫލުތަކާއި އެއްގޮތަށެވެ.

މުވައްޒަފުންގެ ހާޟިރީ ބަލަހައްޓައި، ވަޒީފާއާއިބެހޭ ކަންކަމާއި، ވަޒީފާ ބަޔާން ތައްޔާރުކޮށް ކޯޑިނޭޓިންގ ކޮމެޓީއިން ކަނޑައަޅާ ގޮތެއްގެމަތީން، މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރާނީ އިދާރާގެ ކަމާބެހޭ ޔުނިޓުންނެވެ.

މުވައްޒަފުންނަށް ދޭ މުސާރަ އާއި ޢިނާޔަތްތައް ކަނޑައަޅާނީ ވިޔަވަތި ޓްރަސްޓްގެ ކޯޑިނޭޓިންގ ކޮމެޓީންނެވެ. ކަނޑައެޅިފައިވާ މުސާރަ އާއި، އިނާޔަތްތައް ދިނުމަކީ ކަމާބެހޭ ޔުނިޓުގެ ޒިންމާއެކެވެ. މިގޮތުން މުސާރަ އާއި އިނާޔަތްތައް ކޮންމެ މީލާދީ މަހެއްގެ އެންމެފަހު ދުވަހުގެ ނިޔަލަށް ދޭންވާނެއެވެ.

މި ވިޔަފާރި ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރާނީ ވިޔަފާރިން ލިބޭ އާމްދަނީންނެވެ. މިގޮތުން ތަނުގެ މަރާމާތާއި، ކަރަންޓްފީ އާއި، ހޯދަންޖެހޭ މެޝިނަރީއާއި، ފަރުނީޗަރާއި، ލިޔެކިޔުމުގެ ތަކެއްޗާއި، މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ދޭނީވެސް ވިޔަފާރިން ލިބޭ އާމްދަނީންނެވެ.

ވިޔަފާރިއަށް މުދާ ނުވަތަ ޚިދުމަތް ހޯދާއިރު، އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ކަށަވަރުކުރުމަށްޓަކައި ގިނަ ޕާޓީތަކާއެކު މުޢާމަލާތްކުރެވި، އަގުހޯދުމުގެ އިންތިޒާމާއި، އޯޑަރުކުރުމުގެ އިންތިޒާމާއި، ޑެލިވަރީގެ އިންތިޒާމު މިފަދަ ކަންކަމުގައި ގެންގުޅޭ ޢާންމު މިންގަނޑުތަކާއި އެއްގޮތަށް ޤާއިމުކޮށް ދަމަހައްޓަން ވާނެއެވެ.

ޚިދުމަތްތަކަށް ބިލުހެދުމުގެ އިންތިޒާމާއި ލިބެންވާ ފައިސާ މުއްދަތަށް ލިބޭތޯބަލައި ޗެކްކޮށް މިކަން ބަރާބަރަށް ހިންގުމުގެ އިދާރީ އިންތިޒާމްތައް ކުރުމަކީ މަސައްކަތް ޙަވާލުކުރެވިފައިވާ ޔުނިޓުގެ ޒިންމާއެކެވެ. އަދި ޚިދުމަތްދޭ ތަންތަނުން ކަންތައްތައް ކުރާންވީ ގޮތުގެ މެނުއަލް ލިޔެވި އެއާ އެއްގޮތަށް ޢަމަލުކުރުމުގެ މައްޗަށް ބާރުއަޅައި، ތަނުގެ މަސައްކަތް ހިނގަނީ އެއާ އެއްގޮތަށްތޯ ބަލައި ވިލަރެސްކުރަން ޖެހޭނެއެވެ.

ޚިދުމަތްދޭ ތަންތަނުގެ ވިކުރާ ލިޔެ ބަލަހައްޓަންވާނެއެވެ. ޝިފްޓްކޮށް ތަން ހުޅުވައި، ބަންދުކުރާނަމަ، ކޮންމެ ދަންފަޅިއެއްގެ ވިކުރާ ޖުމުލަ ކުރުމަށް ފަހު ދެން ދަންފަޅިއާ ޙަވާލުވާ މުވައްޒަފާ ލިއުމުން ވަތްގަޑުގައިހުރި ފައިސާ ޙަވާލުކުރަންވާނެއެވެ. ކުރީދުވަހު ވިކުރާ އަށް ލިބުނު ފައިސާގެ ތެރެއިން ދުވަހުގެ ވިޔަފާރިއަށް ބަހައްޓަންޖެހޭ ޢަދަދަށް ފައިސާ ބެހެއްޓުމަށްފަހު ދެންހުރި ފައިސާ ބޭންކަށް ޖަމާކޮށް ފައިސާ ޖަމާކުރި ސްލިޕް ކަމާބެހޭ ޔުނިޓާއި ޙަވާލުކުރަންވާނެއެވެ.

ވިޔަފާރީގެ ފައިދާ އާއި ގެއްލުން ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން ރިޕޯރޓެއް އެކުލަވާލުމަށްފަހު އަތޮޅުކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މިރިޕޯރޓް އެކުލަވާލާނީ މަސައްކަތް ޙަވާލުކުރެވިފައިވާ ޔުނިޓުންނެވެ. އަދި ކޮންމެ އަހަރެއް ނިމުމާއެކު ކޯރޑިނޭޓިންގ ކޮމެޓީގެ ފަރާތުން އިންޓަރނަލް އޮޑިޓެއްކޮށް އަހަރީ ރިޕޯރޓް އެކުލަވާލައި ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

އިދާރީ އެހެނިހެން ކަންކަން

ކޮންމެ ދުވަހެއްގެ ވިޔަފާރިތައް ނިންމާ ބަންދު ކުރާގަޑީގައި ހިސާބުތައް ޗެކުކުރުމުގެ އިންތިޒާމް ކޯޑިނޭޓަރު ހަމަޖައްސަންވާނެއެވެ.

ކޮންމެ ދުވަހެއްގެ ލިބޭ ފައިސާ ޖެހިގެން އަންނަ ރަސްމީ ދުވަހު ވިޔަވަތި ޓްރަސްޓްގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ.

މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ ކަންކަން ޤަވާޢިދުން ކުރަމުންދޭތޯ ކަމާގުޅޭ ޔުނިޓުން ބަލަންވާނެއެވެ.

މި އުޞޫލުގައި ނުހިމެނޭ ޙާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ޢަމަލުކުރާނެ ގޮތެއް ނިންމާނީ ފުނަފަތި ޕްރޮގްރާމް ހިންގުމާ ޙަވާލުވެ ހުންނަވާ ކޯޑިނޭޓަރަކާއި އަދި ކައުންސިލް ހިންގަވަން އެވަގުތަކު ހުންނަވާ ބޭފުޅެއްގެ މަޝްވަރާގެ މަތިންނެވެ.