logo

03 ސެޕްޓެމްބަރ 2023

މިލައުތުރު ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫއިން ހޯދައިފި

ށ.އަތޮޅުކައުންސިލުން މިއަހަރަށް ބަޖެޓްކޮށްގެން ކުރިޔަށްގެންދާ ޓޫރިޒަމް 50 މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި ކަނޑިތީމު ހޭންޑްބޯލް ޓީމާއި، ފޭދޫ ހޭންޑްބޯލް ޓީމް ބައްދަލުކުރި މެޗް 15- 3 ގެ ބޮޑު ތަފާތަކުން ފޭދޫ ހޭންޑްބޯލް ޓީމު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ޅައިމަގު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފައްދައި މޮޅުކުޅުމެއް ވަނީ ދައްކާފައެވެ. ފުރަތަމަ ހާފުގައި ކަނޑިތީމަށް ދެ ގޯލު ކާމިޔާބު ކުރެވުނުއިރު ފޭދޫ ހޭންޑް ބޯލް ޓީމުންވަނީ 6 ގޯލު ޖަހައި ލީޑުހޯދާފައެވެ.  ދެވަނަ ހާފުގައި ފޭދޫ ޓީމުން އިތުރަށް ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދައި ލީޑު އިތުރަށް ފުޅާކޮށްފައިވެއެވެ. މި ހާފުގައި ފޭދޫ އިން 9 ލަނޑު ޖަހައި ނަތީޖާ 15 އަށް ބަދަލުކޮށްލާފައިވާއިރު، މި ހާފުގައި ކަނޑިތީމުން  1 ލަނޑުޖަހައި ސްކޯރ 3 އަށް ބަދަލުކޮށްފައިވެއެވެ.  މެޗު ނިމުނީ 3-15 ގެ ނަތީޖާއަކުން ކަނޑިތީމު މައްޗަށް ފޭދޫން ކުރި ހޯދައިގެންނެވެ.

މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފޭދޫ ޓީމުގެ ޖަރޒީ ނަންބަރު 10 ފާޠިމަތު ޝިފާނާއެވެ.

މި މުބާރާތަކީ ށ.އަތޮޅުގެ ޒުވާނުންނަށް އަތޮޅު ފެންވަރުގައި ކުޅިވަރުކުޅެ އުޅޭނެ ފުރުޞަތު ހޯދައިދީ ޒުވާނުންގެ ހިތްތަކުގައި ޤައުމީ، ވަޠަނީ ރޫޙު އާލާކޮށް އެއްބައިވަންތަކުރުވައި ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން ލިބޭ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި މުޅިއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދެވޭ މުބާރާތެކެވެ.