`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ލުއިލޯން ޕްރޮގްރާމް
ތަޢާރަފު

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ލުއިލޯނު ޕްރޮގްރާމަކީ، ށ. އަތޮޅު އަތޮޅު ކޮމިޓީއާއި، ޔޫ އެން.ޑީ.ޕީ އާއި ގުޅިގެންހިންގުނު އެޓޮލް ޑިވެލޮޕްމަންޓް ފޯރ ސަސްޓެއިނަބްލް ލައިވްލިހުޑްޑިވެލޮޕްމަންޓް ޕްރޮގްރާމުން ލިބުނު -/1000000ރ (އެއްމިލިޔަން ރުފިޔާ) އާއި، ދިވެހި ސަރުކާރުން ދެއްވި -/1000000ރުފިޔާ (އެއްމިލިޔަން ރުފިޔާ)އާއި،ށ. އަތޮޅު ރައްޔިތުންގެ މާލިއްޔަތުން-/1000000ރ (އެއްމިލިޔަން ރުފިޔާ) އާއި ޖުމްލަ: -/3000000ރ (ތިން މިލިޔަން ރުފިޔާ)ގެ ކެޕިޓަލްއަކުން 2000ވަނަ އަހަރު ފެށި ސްކީމެކެވެ. ވޭތުވެދިޔަ ތަނުގައި މި ޕްރޮގްރާމްގެ ދަށުން އަތޮޅު ރައްޔިތުންގެ ބޯހިޔާވަހިކަމަށާއި، ދަނޑުވެރިކަމާއި، މަސްވެރިކަން ތަރައްޤީކުރުމަށާއި، އަދި މިނޫނަސް ޢާއްމު ޙާލަތު ރަނގަޅުކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވުނު ފައިސާއިން އަތޮޅަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އިޖުތިމާޢީ އެކިއެކި ވަސީލަތްތައް ފޯރުކޮށްދިނުމަށް ލޯނު ދޫކުރެވިފައިވެއެވެ. މިގޮތުން އަތޮޅު ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށާއި، ޑަކްޓަރީބޭސް ރަށްރަށުން ލިބޭނޭގޮތް ޤާއިމުކުރުމަށާއި، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާއި ގުޅޭކަންކަމަށާއި، އަދިވެސް މިނޫން އެކިއެކި ޢިޖުތިމާޢީ ޚިދުމަތްތަކަށް ލޯނުގެ ގޮތުގައި އެހީދެވި ރަށްރަށުގެ އަސާސީ ޚިދުމަތްތަކަށް އެކަށީގެންވާ ބޮޑު އެހީތެރިކަމެއް މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވިފައިވެއެވެ.

އަތޮޅުކައުންސިލް އުފެދި ޒިންމާއާއި ޙަވާލުވިއިރު ޙާލަތު އޮތްގޮތް


ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބުރާންޗްގެ އެކައުންޓްގައި ހުރި ފައިސާގެ ޢަދަދަކީ 2234463.00ރ( ދެމިލިޔަން ދުއިސައްތަ ތިރީސް ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ތިންރުފިޔާ) އެވެ. ލޯނު ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ލޯނު ދޫކުރެވި 2011 ފެބުރުއަރީގެ ނިޔަލަށް އަނބުރާ ފައިސާ ނުދެއްކި ގާތްގަނޑަކަށް 100އަށްވުރެ ގިނަ ލޯނު ވާއިރު ދޫކުރެވިފައިވާ ލޯނުތަކަށް ލިބެންޖެހި ނުހޯދި ގިނަ ޢަދަދެއްގެ ފައިސާވެއެވެ. އަދި ރަށުކައުންސިލްތަކަށް ލިބި އަތޮޅު ކައުންސިލްގެ އެކައުންޓަށް ޖަމާނުކުރެވި ގިނަ ޢަދަދެއްގެ ފައިސާވާކަންވެސް ފާހަގަކުރެވެއެވެ. މިހެން ކަންއޮތް އިރު އަތޮޅުއޮފީސް މިލަންދޫއަށް ބަދަލުކުރެވުމާއިގުޅިގެން ލޯނު ސްކީމް ހިންގުމަށްޓަކައި މިލަންދޫގައި ވަކިއޮފީހެއް ހަދާ، މިކަމަށްޓަކައި ގެއެއް ކުއްޔަށް ހިފާ ދެ މުވައްޒަފުންނަށް ވަޒީފާ ދީފައި ވެއެވެ. މިގޭގެ ކުއްޔާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދަށް މަހަކު -/15000ރ (ފަނަރަހާސް ރުފިޔާ)ގެ ޚަރަދެއް ހިނގައެވެ. މިކަންރޭވި ހިނގަމުންގޮސްފައިވަނީ މިހެންކަމުގައިވިޔަސް، މިއިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބުރަވާއިރު، ލޯނުގެ ފައިސާ އަނބުރާ ހޯދުމަށްޓަކައި ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެތެރޭގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކުރެވުނެވެ. އަދި ކުރިން ދޫކުރެވެމުންދިޔަ ލޯން ދޫކުރުންވެސް ވޭތުވެދިޔަ ދެ އަހަރު ވަނީ ހުއްޓާލާފައެވެ. އަދި މިސްކީމް ހަރުދަނާކުރުމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަންވެސް އެގެއެވެ.

މިހާރު ކުރަމުންދާ މަސައްކަތް


މިކަންކަމަށްބަލާ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުއްޔަށް ހިފާފައިވާ ގެ ދޫކޮށްލުމާއި އިތުރު މުވައްޒަފުން ލައިގެން މަސައްކަތް ކުރަމުން އައި އައުން 2011ވަނަ އަހަރުގެ ޖޫންމަހުގެ 15ގެ ނިޔަލަށް ނިމުމަކަށް ގެނައުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އަދި މި ޕްރޮގްރާމަކީ އަތޮޅުގެ ރައްޔިތުންނަށާއި، ރަށްރަށުގެ ތަރައްޤީއަށް ގިނަ ގުނަ ފައިދާތަކެއް ކުރާ، ބޭނުންތެރި ޕްރޮގްރާމަކަށްވާތީ، މި ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ ކަންކަން، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލުން މިހާރުދަނީ ކުރަމުންނެވެ. އަތޮޅުކައުންސިލުން މި ޕްރޮގްރާމާއި ޙަވާލުވުމަށްފަހު އެކި ފަރާތްތަކަށް ދޫކުރެވިފައިވާ ލޯނުތަކަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި އަލުން ލޯނު ދޫކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި، އެގްރިމެންޓްގެ މަސައްކަތްތައް މިހާރުވަނީ ނިމުމަކާއި ހަމައަށް ގޮސްފައެވެ. އަދި މިހާރު މިފަދަ ޕްރޮގްރާމެއް ހިންގޭނީ މާލިއްޔަތު ޤާނޫނުގައި ބުނާގޮތުން ޓްރަސްޓްފަންޑެއްގެ ދަށުންކަމަށްވާތީ، އަތޮޅު ރައްޔިތުންނަށް ލޯނު ދޫކުރުމަށް އުފައްދަންޖެހޭ ޓްރަސްޓްފަންޑް އުފެއްދުމަށް ހުށަހަޅަންޖެހޭ ލިއުންތައް ތައްޔާރުކޮށް 22 މާރޗް 2011ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށްވަނީ ފޮނުވިފައެވެ. މި ޓްރަސްޓްފަންޑް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޤާއިމުކޮށްދެއްވާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލޯނު ދޫކުރުމުގެ ޚިދުމަތް އަލުން ފެށޭ ވަރަށް އަތޮޅުކައުންސިލުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.