`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 87 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




ކައުންސިލްގެ މެމްބަރުން ކައުންސިލްގެ ޖަލްސާއެއްގައި
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 87 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ އަތޮޅުކައުންސިލްގެ ސިއްކަ ރަޖިސްޓްރީކުރުމާއިބެހޭގޮތުން މަޝްވަރާކުރުމުގެ މައްސަލައެވެ. މިމައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތަކެއް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅުއްވާ ކައުންސިލްތަކަށް ފޮނުވުމާއި ގުޅިގެންނެވެ. މި ޖަލްސާގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މި މައްސަލައަކީ ކުރިންވެސް ދެ ފަހަރެއްގެ މަތިން ކައުންސިލްގެ ޖަލްސައަށް އެޖެންޑާކޮށް މަޝްވަރާކުރެވިފައިވާ މައްސަލައެއްކަން ހާމަކުރެއްވިއެވެ. އަދި މި މައްސަލަ މިހާ ދިގުލައިގެންގޮސްފައިވަނީ މިކަން ކުރާނެ އުޞޫލުތަކެއް ކަނޑައެޅިފައި ނެތުމުންކަން ފާހަގަ ކުރެއްވިއެވެ. މި މައްސަލާގައި ކައުންސިލްގެ މެމްބަރުން މަޝްވަރާކުރުމަށްފަހު މި އުޞޫލުގައިވާ ބައެއް ކަންކަން އިތުރަށް ސާފުކުރަން ބޭނުންވާކަމަށް ހުށަހެޅުއްވިއެވެ. މިގޮތުން މިހާރު ހޯމްމިނިސްޓްރީން އެކުލަވާލައްވާފައިވާ ސިއްކަ ރަޖިސްޓްރީކުރުމުގެ އުޞޫލުގެ 4.2.4 ގައިވާ ކައުންސިލްގެ ލޯގޯގައި ހިމެނޭ ބައިތަކުގެ އިތުރުބައިތައް ލޯގޯގައި ހިމެނުމާއިބެހޭގޮތުން މަޝްވަރާކުރެވުނެވެ. ކައުންސިލްގެ ލޯގޯއިން އަތޮޅެއްގެ ޘަޤާފަތާއި އަތޮޅުގެ ތާރީޚް ރަމްޒުކޮށްދޭންޖެހޭނެކަމަށް ފެންނަކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ. އަތޮޅުކައުންސިލްގެ ލޯގޯ ފަރުމާކުރުމާއިބެހޭގޮތުން އަތޮޅުކައުންސިލްގެ 14ވަނަ ޢާއްމު ޖަލްސާއާއި 73ވަނަ ޢާއްމު ޖަލްސާގައިވަނީ މަޝްވަރާކުރެވިފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 8ވަނަ މާއްދާގެ (ޏ) ގައިވާގޮތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާގައި ކައުންސިލްގެ ލޯގޯ ރަޖިސްޓްރީކުރުމަށްފަހު ބޭނުންކުރުމަކީ ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.