`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 77 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި
ކައުންސިލްގެ މެމްބަރުން ޖަލްސާގައި
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 77 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި ޖުލައި މަހުގެ 31 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް ދެ މައްސަލައެއް އެޖެންޑާ ކުރެވި މަޝްވަރާކުރެވިފައިވެއެވެ. މިގޮތުން ފުރަތަމަ ކުރިއަށް ގެންދެވުނީ ކައުންސިލްގެ 76ވަނަ ޢާއްމު ޖަލްސާގައި މަޝްވަރާކުރެވި ފައިވާ ކައުންސިލްގެ އިދާރީ ހިންގުމުގެ އުޞޫލާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މި މައްސަލާގައި ކުރީގެ ޖަލްސާގައި މަޝްވަރާކޮށްފައިވާ ގޮތުގެމަތިން އިދާރީ ހިންގުމުގެ އުޞޫލުތައް ބެއްލެވުމަށްފަހު އިޞްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު ކައުންސިލަރުންނަށްދީ ހުރިހާ ކައުސިލަރުންގެ މެދުގައި މަޝްވަރާކޮށް ގެންނަން ބޭނުންވާ އިސްލާޙުތައް ހުށަހަޅާ ބޭނުންވާ އިޞްލާޙްގެނައުމަށްވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި ހުށަހެޅުނު އިޞްލާޙުތައް ގެނައުމަށްފަހު މަލްޓިމީޑިޔާ މެދުވެރިކޮށް ދައްކާ، އިސްލާޙު ހުށަހެޅުއްވި ކައުންސިލަރުން އެ އިޞްލާޙްތައް ގެނެވިފައިވާގޮތާއި މެދު ހިތްހަމަ ޖެހިވަޑައިގަންނަވާތޯ ބެއްލެވުމަށްފަހު މިއަދުގެ ޖަލްސާގައިވަނީ މި އުޞޫލުތަކާއި އެއްގޮތްވާގޮތުގެމަތިން ކައުންސިލްގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި މަޝްވަރާކުރެވުނު ދެވަނަ މައްސަލައަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒޫ އުޞޫލުން ހިންގުމާއިބެހޭ ޤާނޫނު 2010/7 ގެ 112 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން 14 ޖޫން 2011ގައި ކަނޑައެޅި އަތޮޅުކައުންސިލްގެ މެމްބަރުން އަދާކުރަންޖެހޭ މަޝްޢޫލިއްޔަތުތައް މުރާޖަޢާ ކުރުމަށްފަހު ތައްޔާރުކުރެވިފައިވާ ކަރުދާހަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މި މައްސަލާގައި ކައުންސިލަރުންގެ މެދުގައި ވަރަށް ދިގުކޮށް މަޝްވަރާކުރުމަށްފަހު އަލުން މުރާޖަޢާކޮށް މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ކަންތައްތަކާއިމެދު ވިސްނާ ބައެއް އިސްލާޙުތައް ހުށަހެޅުމަށް ފުރުޞަތު ދިނުމުގެ ގޮތުން ފަހުގެ ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ނިންމުނެވެ.