`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 76 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




ކައުންސިލްގެ މެމްބަރުން ޖަލްސާއެއްގައި
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 76 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި ޖުލައި މަހުގެ 24 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް ދެ މައްސަލައެއް އެޖެންޑާ ކުރެވި މަޝްވަރާކުރެވިފައިވެއެވެ. މިގޮތުން ފުރަތަމަ ކުރިއަށް ގެންދެވުނީ ކައުންސިލްގެ އިދާރީ ހިންގުމުގެ އުޞޫލާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މި މައްސަލާގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ ކައުންސިލްގެ އިދާރީ ހިންގުމުގެ އުޞޫލަކީ ވަރަށް މުހިއްމު އަދި މުޅިކައުންސިލް ހިންގުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކީ ހިންގުމުގެ އުޞޫލުކަމަށްވުމާއެކު ކައުންސިލްގެ މެމްބަރުން ވަކިވަކިން އިދާރީ ހިންގުމުގެ އުޞޫލު ބެއްލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްފަހު، ފަހުގެ ޖަލްސާއަކަށް އެޖެންޑާކޮށްގެން މި މައްސަލައިގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. ދެން ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ދެވަނަ މައްސަލައަކީ ކައުންސިލްގެ ހިންގާ ޤަވާޢިދަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ގެނެސްފައިވާ އިޞްލާޙްތަކާއިބެހޭގޮތުން މަޝްވަރާކުރުމުގެ މައްސަލައެވެ. މި މައްސަލާގައި ކައުންސިލްގެ މެމްބަރުންގެ މެދުގައި ކުރެވުނު ދިގު މަޝްވަރާތަކަށްފަހު ނިންމަވާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލް ހިންގުމުގެ ޤަވާޢިދަށް ގެންސްފައިވާ ބައެއް އިޞްލާޙްތަކަކީ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ އިނާޔަތްތައް އުނިކުރެވިފައިވާ އިޞްލާޙްތަކަކަށްވުމާއެކު އެކަންކަން ފާހަގަކޮށް އެކަންކަމާއިބެހޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެފަދަ މައްސަލަތައް ލިއުމަށެވެ. ޚާއްޞަގޮތެއްގައި ސަރކިއުލަރގެ 25 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތީން މުސާރައިން ވަކިމިންވަރެއް އުނިކުރުމަކީ ކައުންސިލަރުންނަށް ލިބިދީފައިވާ ޢިނާޔަތެއް އުނިކުރުން ކަމަށްވާތީއާއި، ކަނޑައަޅާފައިވާ ވަގުތުތަކަށްވުރެ އިތުރު ވަގުތުތަކުގައި ކައުންސިލަރުން މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި އިތުރު ޢިނާޔަތެއް ލިބިދެވޭނެ ކަމަށް ބުނެފައިނެތުމަކީ ހަމަޖެހޭ އަދި އިންޞާފުވެރި އުޞޫލެއްކަމަށް ނުފެންނާތީ، މިކަމަށް އިޞްލާޙެއް ގެނައުމަށް އެދޭކަމާއި، މިކަމަށް އިންޞާފުވެރި ހަމަހަމަ އުޞޫލެއް ކަނޑަނާޅުއްވަނީސް އެމާއްދާއަށް ޢަމަލު ނުކުރުމަށްވެސް ކައުންސިލްގެ މިޖަލްސާގައި ނިންމާފައިވެއެވެ.