`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 68 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ.




އަތޮޅުކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން : ފައިލްފޮޓޯ
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 68 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި މެއި މަހުގެ 29 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް ތިން މައްސަލައެއް އެޖެންޑާ ކުރެވި މަޝްވަރާކުރެވިފައިވެއެވެ. މިގޮތުން ފުރަވަމަ މަޝްވަރާކުރެވިފައިވަނީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއިބެހޭގޮތުން ހުށަހެޅިފައިވާ ކަރުދާހާއިބެހޭގޮތުންނެވެ. މިކަރުދާހާއިބެހޭގޮތުން މިއަދުގެ ޖަލްސާގައި މަލްޓިމީޑިޔާ މެދުވެރިކޮށްދައްކާ މާއްދާތަކާއިބެހޭގޮތުން ވާހަކަ ދެކެވުނެވެ. ކުރިންވެސް 4 ޖަލްސާއަކަށް އެޖެންޑާކުރެވި މަޝްވަރާކުރެވިފައިވާ މި ލިއުންތަކަށް މިއަދުވެސް ބައެއް އިޞްލާޙްތައް ހުށަހެޅިފައިވާތީ ފާސްކުރެވިފައެއް ނުވެއެވެ. އަދި ހުށަހެޅުނު އިސްލާޙްތައް ގެނައުމަށްފަހު ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާކުރާގޮތަށް މިމައްސަލަ ނިންމުނެވެ. ދެވަނައަށް ކުރިއަށް ގެންދެވުނީ ވިޔަފާރީގެ ޚިދުމަތް ޤާއިމުކުރުމާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މިކަމާއިބެހޭގޮތުން ތައްޔާރުކުރެވިފައިވާ ކަރުދާހެއް މިޖަލްސާއަށް ހުށަހެޅުނެވެ. މިކަރުދާހަކީ އަތޮޅު ރައްޔިތުންގެ ނަމުގައި ހިންގަމުން އަންނަ ވިޔަފާރީގެ ހިންގުން ހަރުދަނާކޮށް، މަންފާ އިތުރުކުރުމަށާއި ވިޔަފާރީގެ ދާއިރާ ފުޅައުކޮށް، މިދާއިރާއިން ށ.އަތޮޅުކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްދިނުމުގެ ރަގަޅުނިޒާމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ މަގުތަނަވަސްކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ކަރުދާހެކެވެ. މިކަރުދާހުގައި ވިޔަފާރި ހިންގުމުގެ ސިޔާސަތާއި، ވިޔަފާރީގެ ޚިދުމަތް ހިންގުމާއިބެހޭ އުޞޫލުތަކެއް ހިމަނުއްވާފައިވެއެވެ. މިކަރުދާސް ތައްޔާރުކުރައްވާ ހުށަހެޅުއްވާފައިވަނީ ކައުންސިލަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. މި ކަރުދާހުގެ މާއްދާތައް މަލްޑިމީޑިޔާ މެދުވެރިކޮށްދައްކާ ކައުންސިލަރުންގެ ޚިޔާލުތައް ހުށަހެޅިފައިވުމާއެކު އިޞްލާޙްތައް ގެނައުމަށްފަހު ފަހުގެ ޖަލްސާއަކަށް އެޖެންޑާކުރާގޮތަށް ނިންމުނެވެ. ދެންކުރިއަށް ގެންގޮސްފައިވަނީ އަތޮޅުގެ ރަށްރަށުގައި އައި ޑީ ކާޑު ކަލެކްޓިންގ ސެންޓަރުތައް ޤާއިމުކުރުމަށް އިތުރަށް ބޭނުންވާ ފައިސާއާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މިއީ ކައުންސިލުން އަތޮޅުގެ ހުރިހާ ރަށެއްގައި އައި ޑީ ކާޑު ކަލެކްޓިންގ ސެންޓަރުތައް ޤާއިމުކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން މިކަމަށް ޚަރަދުކުރުމަށް 2012ވަނަ އަހަރަށް ކައުންސިލްގެ ބަޖެޓް ފާސްކުރިއިރު ކަނޑައެޅި ފައިސާއިން މިހާރު މި ޚިދުމަތް ދެވެމުންނުދާ 10ރަށުގައި ކަލެކްޓިން ސެންޓަރ ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް އިތުރަށް ފައިސާ ބޭނުންވާތީ، ކައުންސިލްގެ އިދާރާއިން ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލާގައި މަޝްވަރާކުރުމަށްފަހު މި ޚިދުމަތް މިހާރު ނުދެވިވާ ރަށްރަށަށް ޚިދުމަތް ދިނުމަށް އިތުރަށް ބޭނުންވާ ފައިސާ ކައުންސިލްގ އާމްދަނީން ނަގާ ކަލެކްޓިންގ ސެންޓަރުތައް ޤާއިމުކުރުމަށް ޖަލްސާއަށް ޙާޟިރުވި މެމްބަރުންގެ އިއްތީފާޤުންވަނީ ފާސްކުރައްވާފައެވެ. މިއަތޮޅު ފުނަދޫއާއި، ކޮމަންޑޫއާއި، މިލަންދޫއާއި، ކަނޑިތީމުން މިހާރު އައި ޑީ ކާޑު ހެދުމުގެ ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެ ތެރެއިން ފުނަދޫއާއި ކޮމަންޑޫގައި މި ޚިދުމަތް ޤާއިމުކޮށްފައިވަނީ އަތޮޅުކައުންސިލު ޚަރަދުކޮށްގެންނެވެ.