`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

ޓްރެކް ސަރަހައްދު ހެދުމަށް އާމަލަ ކޮންސްޓްރަކްޝަން އާ ޙަވާލުކޮށްފި
ޓްރެކް ސަރަހައްދު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްުވުނު ރަސްމިއްޔާތުގެ ތެރެއިން- ފައިލްފޮޓޯ

ށ.އަތޮޅުކައުންސިލުން ފުނަދޫގައި ހެދުމަށް ހަމަޖެހިފައިވާ އެއްގަމު ލައިސަންސް ޓެސްޓް ހަދާ ޓްރެކްގެ އެތެރޭގެ މަސައްކަތްތައް މިއަދު އާމަލަ ކޮންސްޓަރަކްޝަނާ ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު 10:00 ގައި މަސައްކަތް ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އާމަލަ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމްޕެނީގެ ޑިރެކްޓަރ ށ.މާއުނގޫދޫ އެމްބްރީޒް އިބްރާހީމް ޙުސައިން އެވެ. ށ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޢާތިފްއެވެ.

މި 23272 އަކަފޫޓުގެ ސަރަހައްދު ތަރައްޤީކުރުމަށް އާމަލަ ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ އެ ސަރަހައްދުގެ ބިންގަނޑު ލެވެލްކޮށް، އެތެރޭގެ މަގުތަކުގެ އަރިމަތީ ފާރުތައް ނިންމުމާއި، ރޭމްޕް ހެދުމާއި، ޕާކު ބައްތިތައް ޖެހުމާއި، އެ ސަރަހައްދަށް ފެން ޖެހޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަމިއްލަ ތަކެތީގައި ކުރާގޮތަށް ޙަވާލުކުރެވުނު މިމަސައްކަތުގެ އަގަކީ ދެލައްކަ އެގާރަހާސް ރުފިޔާއެވެ.

ށ.އަތޮޅު ކައުންސިލްގެ ހުޅަނގުން އޮތް ބިމުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓްރެކްގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ އެ ބިމުގައި ހުރި ރުއްގަސް ކަނޑައި ބިން ސާފުކޮށް މައިގަނޑު ގޮތެއްގައި ވެލި އަޅަންޖެހޭ ތަންތަނަށް ވެލިއަޅައި ލެވެލްކޮށް ނިމިފައެވެ.