`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

ށ.އަތޮޅުކައުންސިލްގެ ވިޔަވަތި އިނާމު ދިނުމުގެ ރަސްމިއްޔާތު 2016 ބާއްވައިފި




ވިޔަވަތި އިނާމުދިނުމުގެ ރަސްމިއްޔާތު 2016ގެ ތެރެއިން - ފައިލް ފޮޓޯ

ށ.އަތޮޅުކައުންސިލްގެ ވިޔަވަތި އިނާމު 2016 ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފިއެވެ.

މި ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ މިއަތޮޅު ފުނަދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ.

ތިން ދާއިރާއަކުން 70 ފަރާތަށް އެވޯޑު ދެވުނު މި ރަސްމިއްޔާތުގައި ށ.އަތޮޅު ސްކޫލުތަކުން ތަޢުލީމު ޙާޞިލްކުރި ތޫނުފިލި ދަރިވަރުންނަށާއި، ހިތްމަތްތެރި ދަރިވަރުންނަށާއި، ޝަރަފްވެރި ދަރިވަރުންނަށް އެވޯޑު ދެވިފައިވާއިރު، ށ.އަތޮޅު ސްކޫލުތަކުގައި ކިޔަވައިދެއްވި ހީވާގި އެދުރުންނަށާއި، ކާމިޔާބު އެދުރުންނާއި، ޚިދުމަތްތެރި އެދުރުންނަށް އެވޯޑާއި، ސެޓްފިކެޓް ދެވުނެވެ. އަދި ދާއިރާގެ ޚިދުމަތްތެރި ނަރުހުންނާއި، ހެލްތުވޯކަރުންނާއި، ދަރުމަވެރިންނަށް އިނާމު ދެވިފައިވާއިރު، އަތޮޅުގެ ދަރުމަވެރިންނަށްވެސް އެވޯޑު ދެވިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ ވަނަތައް ޙާޞިލުކޮށް އަތޮޅަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށާއި،ރަސްވަނި އެވޯޑަށް ހޮވުނު ށ.ފޯކައިދޫ، މަރޮށި، ފުނަދޫ ކައުންސިލަށް އެވޯޑާއި، ހަނދާނީލިއުން ހަވާލުކުރެވުނެވެ. އަދި ށ.އަތޮޅުކައުންސިލަށް އެކިގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އެވޯޑް ދިނުމުގެ އިތުރަށް، ޕްރޮގްރެސިވް އެވޯޑާއި، އެޗީވްމަންޓް އެވޯޑް ސުކޫލުތަކާ ހަވާލުކުރެވުނެވެ.

ޤުރުއާނުގެ ބަރަކާތުން އަލްޤާރީ އިބްރާހީމް މުޙައްމަދު ފައްޓަވައިދެއްވި މިރަސްމިއްޔާތުގައި އެވޯޑްތަކާއި، ހަނދާނީ ލިއުންތައް ޙަވާލުކޮށްދެއްވީ މިނިސްޓަރ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު ޒާހިދު އާއި، ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގައި ށ.އަތޮޅުކައުންސިލްއާއި، ރަށުކައުންސިލްތަކުން ހޯދައިފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވައި ކައުންސިލްތަކުން ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދެއްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި މިއަހަރު ވިޔަވަތި އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވިއެވެ. އޭގެއިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިހާރުގެ ސަރުކާރުން ހަލުވިކަމާއެކު ރާއްޖެއަށް އަދި އަތޮޅަށް ގެނެސްދެއްވާ ތަރައްޤީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު ދެންނެވިއެވެ. ރަސްމިއްޔާތުގެ ޝަރަފްވެރި ވަނަތައް ޙާޟިލުކުރެއްވި އެންމެހާ ފަރާތްތަކަށް މަރުޙަބާ ދެންނެވިއެވެ. އަދި އެމަނިކުފާނު މިހާ ހިސާބަށް ގެނެސްދެއްވުމުގައި އިސްރޯލެއް އަދާކުރެއްވި ފަރާތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލާއި، ސިވިލްސް ސަރވިސް ކޮމިޝަން ގުޅިގެން އަތޮޅުކައުންސިލް މުވައްޒަފުންނާއި، ށ.އަތޮޅު މުއައްސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވިއެވެ.