`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

ށ.ކަނޑިތީމު ނަރުދަމާގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފި
ނަރުދަމާގެ ނިޒާމު އިފްތިތާޙްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން- ފައިލްފޮޓޯ

ށ.އަތޮޅު ކަނޑިތީމުގެ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދު ހެނދުނު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ސަރުކާރުގެ ބަޖެޓުން 40.9 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރައްވައިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޢަމަލީ މަސައްކަތް ފައްޓަވައިގެން ކުރިޔަށްގެންދެވި މި މަޝްރޫގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު. އެސް. ސީ ) އެވެ. މި ޕްރޮޖެކްޓުގެ ދަށުން 8.4 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހޮޅިވަޅުލައި، 397 ގެއަށް ޚިދުމަތް ދެވޭ ފެންވަރުގެ ނިޒާމެއް އެރަށުގައިވަނީ ޤާއިމުކުރެވިފައެވެ.

ރައްޔިތުންނަށް ނަރުދަމާގެ ނިޒާމު ޔަޤީންކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދާ މި މަސައްކަތުގެ ދަށުން ކަނޑިތީމުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި،ކަނޑިތީމު ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު ޙުސައިން އާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް އާއި، ބައެއް އަތޮޅުކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކަނޑިތީމު މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.